Delighting the eyes of the believers.
އޭރުގެ ސަރުކާރުން އަފްރާޝީމް ގެނެސްގެން ހިންގި ހަމަނުޖެހުމުގެ މައްޗަށްވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ:
[މިއީ ވަރަށްވެސް މުޙިއްމު ނުކުތާއެކެވެ. އެހެނީ ދިވެހިރާއްޖެ "ފުރިހަމަ ޑިމޮކްރެސީ" އަކަށް ހެދުމަށް އެންމެހާ ކުފުރީ ބާރުތަކުން މިހާރުވަނީ އަމާޒުކަނޑައަޅާފައެވެ. މިއީ ދިވެހި ސަރުކާރާއި، ޔޫރަޕާއި އެމެރިކާއާއި، އަދި ޚުދު އެމް.ޑީ.ޕީގެވެސް ފައިދާއަށްޓަކައި ކުރެވޭކަމެކެވެ. އެހެނީ ޔޫރަޕުގެ ޑިމޮކްރެސީ ލަނޑުދަނޑީގެ ފެށުމަކީ އާނިޔާ އާއި އަފްރާޝިމް ކަމުގައިވިޔަސް އޭގެ ނިމުމަކީ ކުރިސްޓިއަންދީނާއި ފައްޅިތަކެވެ. އާއެކެވެ. ޙަޤީޤަތަކީ މިއީއެވެ. އެހެނީ ކުއްލިޔަކަށް އެކި ދީނުގެ މައްސަލަގަޑެއް، ޒަމާނުއްސުރެން އިސްލާމްދީނަށް ނިސްބަތްވަމުން އަންނަ އިސްލާމީ ބަޔެއްގެ ތެރެއަށް އައިސްފިނަމަ، ޢާންމުންގެ ތެރޭ އިންތިހާ ރުޅިވެރިކަން އުފެދި، މަސްލަހަތު އެކީއެއްކޮށް ނެތިދާނެއެވެ. އެހެނަސް މިފަދަ ބަޔެއްގެ ތެރޭގައި "ދީނީ ޑިމޮކްރެސީ" ގެނެވޭނީ ފިޔަވަހި (phased changes) ތަކަކުންކަން އެމެރިކާއާއި އެންމެހާ ކުފުރިއްޔާތުތަކެއް ދަނެއެވެ.
މިގޮތުން ފުރަތަމަ ފަތުރާ އެއްޗަކީ އެތަނެއްގައި ޢާންމު މަސްރަޙައި ނުގުޅޭފަދަ، މީގެ މާނައީ، މަޛްހަބުގެ ތަފާތެކޭ ނޫނެވެ، އެހެނަސް ވަރަށް ބޮޑެތި ޢަޤީދާގެ ފަރަޤުވާފަދަ ދީނީ ހަމަނުޖެހުންތަކެއް ގެނައުމެވެ. އަދި އަފްރާޝީމަކީ އޭގެ މިޘާލެކެވެ. މިފަދައިން ޢަޤީދާގެ ތަފާތުތަކަށް ދިވެހިން (tolerate) "ކެތްތެރިވާން" ފެށުމުން، ދެން ފަށާނީ އެއާއި ޖެހިގެން އޮތްފިޔަވައްސެކެވެ. މިގޮތުން މަޑުމަޑުން ދިވެހިން ދީނީ ފަރަޤުތަކަށް "ކެތްތެރި" ކުރުވަމުން ކުރުވަމުން ގޮސް ނިމިގެންދާނީ ޔަހޫދިއްޔަތާއި ނަޞާރާއިންގެ ފައްޅިތަކަށްވެސް "ވެލްކަމް" ކިޔުއްވުމުންނެވެ. އަދި މިއީ ތުރުކީ އާއި ޤަޠަރާއި މޮރޮކޯއާއި އަދި މިނޫންވެސް އެންމެހާ އިސްލާމުން އުޅެމުންދާ ބިންތަކުގައި ޢާންމު އަދި ކާމިޔާބު ލިބިފައިވާ މަޝްރޫޢު އެކެވެ. އެހެންނޫންނަމަ ލޮބުވެތި ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ބިމުގައި، އަދި އެބިމަކަށް ޤުރުއާނުގެ ވަޙީ ހަތް އުޑުގެ މަތިން ބާވައިލެއްވުނު ބިމުގައި، ނަޞާރާ ފައްޅިއެއް އެޅިދާނެހެއްޔެވެ؟ އަދި އެބިމެއްގައި އިސްލާމީ ޚިލާފަތުގެ ވެރިކަން ކުރި ބިމުގައި، ޚުދު އާދައިގެ ތިންކަން ބުރުޤާވެސް މަނާކުރެވިދާނެހެއްޔެވެ؟ އެހެނަސް އަދުގެ ޙަޤީޤަތަކީ މިއީއެވެ!" (ކުޑަ ބަދަލަކާއިއެކު، އަބޫ ޒުބައިދާގެ ބަސްފުޅު ނިމުނީ.)
އަބޫ ޒުބައިދާ 2008 ވަނަ އަހަރު މިދެއްކެވި ވާހަކަފުޅުގެ ހަޤީޤަތް އަޅުގަނޑަށް މިތަޞައްވަރުވީ އަދި ކިރިޔާއެވެ! އެއީ ދީނީ އެއްބައިވަންތަކަމުގެ އައު ޤާނޫނަށް ބަލާލުމުންނެވެ. އެހެންކަމުން އަޅުގަނޑުގެ ލޮލުން ތިބޭފުޅުންނަށް މިޤާނޫނޫ ބަޔާން ކޮށްލުމަށް އެދި ލިޔަމެވެ.
ދީނީ އެއްބައިވަންތަކަމުގެ ޤާނޫނުގެ އަލިފު... ބާ...
އަބޫ ޒުބައިދާ ވިދާޅުވިފަދައިން ފުރަތަމަ ފިޔަވަހީގައި ހިމެނެނީ އެހެންދީންތަކަށް ދިވެހިންނަށް އުޅުމުގެ މިނިވަންކަން ހުޅުވާލުމެއްނޫނެވެ. އެހެނަސް އަޤީދާގެ ބޮޑެތިތަފާތު ކަންކަމަށް ދިވެހިން ދިރުވުމެވެ. މިމޭރުމުން އަޅުގަނޑުމެން ބަލާލާއިރު، ދީނީ ތަޤުރީރު ކުރމުގެ ހުއްދަދެވޭ ފަރާތްތަކުގެ ޝަރުތުތަކުން "ސުންނަތް ޖަމާޢަތުގެ މީހެއްކަމުގައިވުން" މިޕޮއިންޓް ރައީސް އޮފީހުން ކަނޑާފައިވުން ފާހަގަވެއެވެ. މީގެ މާނައަކީ "ސުންނަތް ޖަމާޢަތުގައި ނުހިމެނޭ" މިސާލަކަށް، ހައްދުފަހަނައެޅި ޤަބުރަށް އަޅުކަން ކުރާ ސޫފީ "ޝެއިޚުން" ގެ އިތުރުން އިސްލާމްދީނާ މުޅިން ޚިލާފު "ޝިއަޢީ" އިމާމުންނާއި އަދި ރަޝާދު ޚަލީފާ އަކީ ރަސޫލެއްކަމަށް އީމާންވެގެން ތިބި "ޤުރުއާނިސްޓުންގެ" ޝެއިޚުންނަށްވެސް ހުއްދައެއް ލިބިދާނޭކަމެވެ. މިފަދަޝައިޚުން ފަތުވާ ދިނުން ހުއްދަ ކުރުމަށްޓަކައި އަންނަނިވި މާއްދާ އުނިކޮށްފައިވެއެވެ: "ދިވެހިރާއްޖޭގައި ދީނީ ކަންކަމުގެ ޙުކުމްތައް ބަޔާންކުރަންވާނީ ސުންނަތްޖަމާޢަތާ އެއްގޮތަށެވެ." އެހެންކަމުން ސުންނަތް ޖަމާޢަތާއި ޚިލާފަށް މިޘާލަކަށް ޝިޔައީ ދީނާއި އެއްގޮތަށް ޙުކުމްބަޔާންކޮށް ފެތުރުމަކީ ހުއްދަކަމެކެވެ. އަދި ސަރުކާރުން ގެންނަ އެފަދަ "ޓީޗަރެއް" ނޫނީ "ޚަތީބެއް" އާންމުން ތެރޭ މައްސަލަޖެހުނަސް ޑީޕޯޓުވިއަ ނުދިނުމަށްޓަކައި، "ސުންނަތް ޖަމާޢަތުގެ މަޛްހަބު ނޫން އެހެން މަޛްހަބެއްގެ ގޮތާއި ޢަޤީދާ ފަތުރަން މަސައްކަތްކުރާ" މީހުން ޑީޕޯޓުކުރުން ނުވަތަ ރާއްޖެއަށް އުމުރަށް ނާދަވޭގޮތަށް ފޮނުވާލުމުގެ ނުކުތާ ވަނީ ފޮހެލާފައެވެ.
މިއާއި ދެކޮޅަށް ބުނާ ބޭފުޅެއް ހުއްދަދެވެނީ ވަކި ތަންތަނަކުން ކިޔަވައިގެން ތިބި ބަޔަކަށް ކަމަށް ބުނެފާނެއެވެ. އެހެނަސް ޙަޤީގަތަކީ ޖަމިއްޔަތުއްސަލަފުގެ ރައީސް، ލޮބުވެތި އަޚް އައްޝެއިޚް އަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވި ބަސްފުޅެވެ. ޝެއިޚް އެންމެ ހަރުކަށިކޮށް ބަޔާންކުރެއްވީ މިޤަވާޢިދުގެ ދެވަނަ މާއްދާގެ (ރ) ގައި ހިމެނޭ ނުކުތާއަށެވެ. އެއީ އިސްލާމިކް މިނިސްޓްރީއިން ފެންނަ ބަޔަކަށް (ކިޔެވުމުގެ މިންގަނޑާއި ތަނުގެ ޤަވާޢިދަށް ނުބަލައި) ދީނީ ހުއްދަ ދެވިދާނޭކަމަށެވެ. އަދި އިސްލާމިކް މިނިސްޓްރީއަކީ މުސްތަޤިއްލު ތަނަކަށް ނުވާހިނދު އެއިރެއްގެ ސަރުކާރުގެ ނުފޫޒާއި އެއްގޮތަށް މިހުއްދަ ބޭނުންވާ ބަޔަކަށް "ޢައިރު މުސްލިމަކަށް" ވެސް، މީގެ ދަށުން ދެވިދާނެކަމަށް ޝެއިޚް ޢަބްދުﷲ ބަޔާން ކުރައްވައި ކަންބޮޑުވުން ފައުޅު ކުރެއްވިއެވެ.
އެހެންކަމުން މިބަޔާންވެވުނީ "ދީނީ އެއްބައިވަންތަކަމުގެ ޤާނޫނު" ގެ ނަމުގައި އަބޫ ޒުބައިދާ ވިދާޅުވި "ފުރަތަމަ ފިޔަވަހި" ތަންފީޛުކުރުމުގެ ގޮތުން އިތުރުކޮށް އަދި ފޮހެ "ކޮށާ މަށާ" ފައިވާ ނުކުތާތަކެވެ. ވިސްނާ ފިކުރުކުރާބަޔަކަށް ﷲ މަގުދައްކަވައެވެ.
ޝިއައީންގެ ޙަޤީޤަތަށް ބަލާއިރު، އެއުރެންނީ ކައުއިތުރު ޞަހާބީންނަށް ހަޑި ހުތުރު ބަސް އިއްވައި ފާޅުގައި އެއްޗެހިގޮވާ ބަޔެކެވެ. އަދި އަހަރެމެންގެ މަންމާފުޅު ޢާއިޝާ رَضِىَ اللَّهُ عَنْهَا އަކީ ފާޖިރު ބޭކަނބަލެއްކަމަށް ބުހުތާނުހަދައި، އަބޫ ބަކުރު، ޢުމަރު އަދި އުޘްމާނު – رَضِىَ اللَّهُ عَنْهُم ގެ މައްޗަށް ކުފުރާއި ބަދުބަހާއި މުޑުދާރުގޮވުން ގޮވާ ބަޔެކެވެ. ހަމަ މިފަދައިން ރަޝާދު ޚަލީފާއަށް އީމާންވާ ކުލަބުގެ މެންބަރުންނަކީވެސް އަބޫ ހުރައިރާ رَضِىَ اللَّهُ عَنْهُ އާއި އެނޫން ބޭފުޅުންނަށް ދޮގުބަސް ބުނެ އައިބުބުނާ ބަޔެކެވެ. ސަރުކާރުން ފުރަތަމަ ފިޔަވަހީގެ ތެރޭ މިކަންކަން ދިވެހިންތެރޭ ޢާންމު ކުރަން ޖެހެއެވެ. އެއީ އިހު ބުނެވުނު ޝިޢައީ އަދި އެނޫންވެސް "ސުންނަތްޖަމާޢަތާއި" ޚިލާފު ބައިގަނޑުތަކުގެ ދާޢީންގެ ބޭނުންކޮށްގެނެވެ. މިބައިމީހުން ދިވެހިފަސްގަނޑުގައި ކައު އިތުރު ޞަހާބީންނަށް މިބަސްތައް ރައްދުކުރުވައި ޢާންމުކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން އަންނިވި ނުކުތާ ފޮހެލާފައިވެއެވެ:
"ކީރިތި ރަސޫލާގެ އަޞްޙާބު ބޭކަލުންނަށް ... އިހާނާތްތެރިވާ ފަދަ އެއްވެސް ޢަމަލެއްކުރުން ނުވަތަ ބަހެއް ބުނުން ނުވަތަ އެއްޗެއް ކުރެހުމަކީ މަނާކަމެކެވެ."
ދީނީ މިފަދަ ބޮޑު ނުބައި ޢަޤީދާތައް އެންމެ ފަސޭހައިން ފެތުރުމަށް ބޭނުން ކުރެވޭނޭ އެއްޗަކީ މީޑިއާއެވެ. އެއީ އެމީޑިއާ ބޭނުންކޮށްގެން ވަކިބަޔެއްގެ ފިކުރިއްޔާތު މަތިވެރިކޮށް އަނެއްބަޔެއް ނިކަމެތިކޮށް، ޙާއްޤާއި ބާޠިލު އޮޅުވައި މީހުންގެ ސިކުނޑިތަކަށް އެ ބާޠިލު ދާއިމީ ގޮތަކަށް ފޯރުކޮށްދެވޭނޭ އެންމެ ބޮޑު ވަޞީލަތަކީ މިއީ ކަމަށްވާތީއެވެ. މިގޮތުން ޞަހާބީންގެ މައްޗަށް ނުބައި އެއްޗެހި ގޮވުމަށްޓަކައި އަންނަނިވި ނުޤުތާ އުނިކޮށްފައިވެއެވެ:
"...ޞަޙާބީއަކަށް ... ފުރައްސާރަކޮށްފައި ހުންނަ ޕްރޮގްރާމްތައް ދެއްކުން ނުވަތައަޑުފެތުރުމަކީ މަނާކަމެކެވެ."
ދެން އަންނަނިވި ނުކުތާ އުނިކޮށްފައިވެއެވެ:
"މާތްﷲ އަށް ނުވަތަ ކީރިތި ރަސޫލާ އަށް ނުވަތައެކަލޭގެފާނުގެ ޞަޙާބީއަކަށްނުވަތަ ކީރިތި ޤުރްއާނަށް ނުވަތަ ކީރިތި ރަސޫލާގެ ސުންނަތަށް ނުވަތަ އިސްލާމްދީނަށް ފުރައްސާރަކޮށް ... އިންޓަނެޓް ވެބްސައިޓް ނުވަތަ ބްލޮގް ނުވަތަ ނޫސް މަޖައްލާ ފަދަ ވަސީލަތެއް މެދުވެރިކޮށް ޝާއިޢުކުރުމަކީ މަނާކަކެމެވެ."
އަޅުގަނޑު މިޔަށް ކޮމެންޓެއްވެސް ދޭކަށް ބޭނުމެއް ނޫނެވެ. ކުރުގޮތަކަށް ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަށް ޢައިބު ފޮޓޯތައް ދިވެހި ނޫސް މަޖައްލާތަކުގައި ޢާންމުވުމަކީ އެކަށީގެން ގޯހަކަށް ނުވެދާނެއެވެ. ނުވަތަ ﷲ އަށް ހަޖޫ ޖެހުން މިބުނެވުނު ވަޞީލަތްތަކުގައި ފާޅުގައި އަމިއްލަ ނަމުގައި ކުރުމަކީ "މަނާކަމެއް" ނޫނެވެ. މިއީ އަބޫ ޒުބައިދާ ވިދާޅުވި ފުރަތަމަ ފިޔަވަހީގެ ނިމުމެވެ. އަދި އޭގެ ކުންނެވެ. މިފިޔަވަހީގެ ނިމުމަށް އަންއިރު، ޕާކިސްތާނުގެ އަޙްމަދީންނޭ ބުނެވޭ ޣުލާމު އަޙްމަދު ކައްޒާބު ރަސޫލެއްކަމަށް ބެލި "މުސްލިމުން" ނާއި، ރަޝާދު ޚަލީފާ ކައްޒާބު ރަސޫލެއްކަމަށް އީމާން ކުރި "ތިން ނަމާދު" ގުރޫޕާއި، ޢަލީ رَضِىَ اللَّهُ عَنْهُ އަކީ އިލާހެއްކަމަށް އީމާންވެ، 2އިންޗި 2 އިންޗީގެ ކަރުބަލާ ހިލަކޮޅެއް ނަމާދުގައި ނިއްކުރި ޖައްސަން ބޭނުންކުރާ ޝިއަޢީންނާއި، ބްރޭކްޑާންސް ނަމާދުގައި ކޮށް ތަފާތުވައްތަރަށް ބަނޑިއަޅުވަމުން އައްލާހޫ އައްލާހޫ ކިޔަމުން ފުމެމުންދާ، ނަމާދު ގެޔަށް ޤަބުރެއް ވައްދައި ސަޖިދަ ޖަހައިގެން ތިބޭ ސޫފީންނަށް މިސްކިތްތަކުގައި ނަމާދު ޖަމާޢަތް ހެދުމުގެ މިނިވަންކަން ލިބޭނެއެވެ. މިއީ "ނުވާނޭ" ކަމެއްނޫނެވެ. އިޒްރާއީލާއިއެކު ސިޔާސީ ގުޅުން ޤާއިމްކުރުމަކީ 3 އަހަރު ކުރިން އަހަރެމެން ހިތަށްވެސް ނާރާ ބީރައްޓެހި ކަމެކެވެ. އެހެނަސް މިހާރު ހަފްތާއަކު ދެފަހަރު ސަރުކާރުގެ މަންދޫބުން އެތަނަށްގޮސް އިޒްރޭލީ ޖަނަވާރުގެ އުސޫލުގެ އަނިޔާވެރިން މިތަނަށް ގެނެސް ހަދާއިރު ރައްޔިތުން ތިބީ ހަމަ ނަށާލަ ނަށާލައެވެ. އެންޑީޕީ ޢާންމުންގެ ފުރަގަހުގައި އެމެރިކާއާއިއެކު އެވަހާކަތައް ދައްކައި ނިންމުމުން އެކަމާއި ދެކޮޅު ހަދާލި މީހެއްވެސް މަދެވެ. އެހެންކަމުން މީޑިއާ އާއި އެނޫން ވަޞީލަތްތަކުގެ އެހީއާއިއެކު މިކަންކަން 5 ވަރަކަށް އަހަރުތެރޭވެސް ޤާއިމް ވުމަކީ އެކަށީގެންވާކަމެވެ. މިފަދަ ނަމާދު ޖަމާޢަތްތަކަށް ހުއްދަ ދިނުމުގެ ގޮތުން އަންނަނިވި ނުކުތާ އުވާލާފައިވެއެވެ:
"ސުންނަތް ޖަމާޢަތާ ޚިލާފަށް ދިވެހިރާއްޖޭގެ މިސްކިތްތަކުގައި ނަމާދުކުރުމަކީ މަނާކަމެކެވެ."
މިފިޔަވަހި ކުރިޔަށް ދާއިރު މަޑުމަޑުން ކުރިސްޓިއަން ދީނާއި އެހެން ދީންތަކުގެ ދައުވަތުތައް ދެވެމުންދާނެއެވެ. މިކަމަށްޓަކައި އެންމެ ފުރަތަމަ ހުޅުވާލާ ދޮރަކީ ކީރިތި ޤުރުއާނުގައިވާ ޢަދާވާތްތެރިކަމުގެ ޙުކުންތައް ފޮހެލުމެވެ. މިގޮތުން ޝެއިޚް ޢަބްދުﷲ އާއި ޝެއިޚް ފަރީދު މިކަން މަނާކުރުމަށް ބަޔާން ކޮށްފައިވާ މާއްދާއާއިމެދު ނުރުހުން ފާޅުކުރެއްވިއެވެ. ޝެއިޚް ފަރީދާއި ދެކޮޅަށް އިބުރާ ދެއްކި ވާހަކައިގައި ޖަމިއްޔަތުއް ސަލަފުގެ މައްޗަށް ދޮގުހަދައި ޔަހޫދީންނާއި ނަޞާރާއިންނާއި ދިމާލަށް "ހަޑި ހުތުރު" އެއްޗެހި ގޮވުމަށް ދީނުގައި ވާކަމަށް ބުނަނީ އޭ އިބުރާ ބުންޏެވެ. އެހެނަސް މިއީ ރައްޔިތުންނަށް އޮޅުވާލަށް ސަރުކާރުން ހެދިމަކަރެކެވެ. ޙަޤީޤަތަކީ ކާފަރުންނާއި ދެމެދު އޮންނަންޖެހޭ ޢަދާވާތްތެރިކަމުގެ މައްޗަށްވާ ޙުކުންތައް ފޮހެލުމަށް މަސައްކަތްކުރުމެވެ. އަދި އެފަދަ ބަހެއް ބުނުމުގެ މިނިވަންކަންވެސް ނުދިނުމެވެ. އެނުކުތާ ގައިވަނީ "އެއްވެސް ދީނެއްގެ އަޙުލުވެރިންނާމެދު މީސްތަކުންގެ މެދުގައިރުޅިވެރިކަމާއި ނަފުރަތު އުފައްދައި... ވާހަކަނުދެއްކުން" އެވެ. ޝެއިޚް ޢަބްދުﷲ ވިދާޅުވީ މިނުކުތާގެ ސަބަބުން އަލްޙަމްދު ސޫރަތުގެ މާނަވެސް ކިޔުން "މަނާކުރެވިދާނޭ" ކަމަށެވެ. އެހެންކަމުން ލާދީނީ ސަރުކާރެއްގެ އަތަށް މިފަދަ ބާރެއް ލިބިއްޖެނަމަ މިޤަވާޢީދުގެ ދަށުން ޤުރުއާނުގެ އެތައް ތަނެއް މަނާކުރެވިދާނެއެވެ. އަދި އިޒްރާއީލަކީ ޔަހޫދީ ސްޓޭޓެއްކަމަށް ވެފައި އިޒްރާއީލަށް އެއްޗެއް ބުނުމަކީ ޔަހޫދިއްޔަތަށް އެއްޗެއް ބުނުންކަމަށްވެފައި، އިޔަހޫދީކަމަކީ އިންސާނިއްޔަތުވެސް އެކަމަކާ ދެކޮލުކަމެއް ކަމަށް ވާހިނދުގައިވެސް މިކަން މަނާކުރެވިދާނެއެވެ. އަދި މީގެ ދަށުން ފަލަސްޠީނަށްޓަކައި ކުރާ މުޒާހަރާއެއްގައި އިޒްރާއިލަށް އެއްޗެއް ބުނުންވެސް މަނާކުރެވިދާނެއެވެ.
ރާއްޖޭގެ އަދި ދުނިޔޭގެ ތާރީޚަށް ބެލިޔަސް ކުޑަކުދިންނަށް ތަފާތު ލާދީނީ އަފްކާރުތައް ފެތުރުމަށް ބޭނުންކުރާ އެންމެ ބޮޑު ބައިގަނޑަކީ ޓީޗަރުންގެ ނަމުގައި އަންނަ މިޝަނަރީސް އެވެ. އެހެންކަމުން މިފަދަ މިޝަނަރީސްއަށް ދީން ފެތުރުމުގެ ހުއްދަދީ މަގުފަހި ކުރުމުގެ ގޮތުން އަންނަނިވި ނުކުތާ ފޮހެލާފައިވެއެވެ:
"ދިވެހިރާއްޖޭގައި ކިޔަވައިދޭ ރާއްޖެއިން ބޭރުގެ މުސްލިމް ނޫން ޓީޗަރުންނާއި އެހެނިހެން މީހުން، އެމީހަކު ކިޔަވައިދޭ ސިލަބަހުގެ އިތުރުން،ސްކޫލުތަކުގައި ވެސް އަދި ސްކޫލުން ބޭރުގައިވެސް އެއްވެސް ދީނެއްގެވާހަކައެއް ދައްކައި ހެދުމަކީ މަނާކަމެކެވެ."
އެއީ މިފަދަ ޓީޗަރުންނާއި އެނޫން ކާފަރުން ގެންގުޅޭ ޞަލީބާއި ބުދުތަކާއި "އަޅުކަންކުރަން ގެންގުޅޭތަކެތި" ފާޅުވާގޮތަށް ގެންގުޅުމަށް ލުއި ދީފައިވުމުގެ އިތުރުންނެވެ.
ދެން އޮތީ ފުރަތަމަ ފިޔަވަހީގެ ފަހު ކޮޅު ތަންފީޛުކުރާނޭ ފިޔަވަހިތަކެވެ. އެހިނދުވެސް އެހެންދީނަކަށް އުޅުމުގެ މިނިވަންކަމެއް އަދި ހުޅުވައެއް ނުލާނެއެވެ. އެހެނަސް މިފިޔަވަހީ ގައިވަނީ އެއަށްޓަކައި މާހައުލު ތައްޔާރުކުރުމެވެ. އެބައިމީހުންނަށް އަޅުކަން ކުރާނޭ ފައްޅިއާއި ކިނާސާ އަޅައިދިނުމެވެ. ފަހަރެއްގައި ޓުއަރިސްޓުންގެ ނަމުގައެވެ. އަދި މިކަން ޤާނޫނު ނެރުމުގައި ވަރަށް ސާފުކޮށް ބަޔާންވެފައިވެއެވެ. އެއީ އެންމެ ފުރަތަމަ އަންނަނިވި ނުކުތާ ފޮހެލާފައިވުމެވެ:
"ދިވެހިރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެން ދީންތަކުގެ ބިނާތައް ނުވަތަ އަޅުކަން ކުރާތަންތަން ހެދުން ނުވަތަ ބިނާކުރުމަކީ މަނާކަމެކެވެ. އަދި އިސްލާމްދީން ފިޔަވައި އެހެންދީނަކަށް އަޅުކަންކުރުމަށް ނުވަތަ އެހެންދީނަކަށް އަޅުކަންކުރާތަނަކަށް ނުވަތަ އެހެންދީނަކަށް ނިސްބަތްވާތަނަކަށް ދިވެހިރާއްޖޭގައި ބިނާކޮށްފައިވާ ނުވަތަ ބިނާކުރަމުންދާ ޢިމާރާތެއް ބަދަލުކުރުމަކީ ވެސް މަނާކަމެކެވެ."
ވީމާ މިފިޔަވަހީގައި ނަޞާރާ ފައްޅިތަކުގެ "ބެލް" ތަކުގެ އަޑު ދިވެހި ބިމުން ބަންގިއާއިއެކު އިވެން ފަށާނެއެވެ... ޤަބޫލެއްވެސް ނުކުރެވެއެވެ... ހިތަށް ބިރުވެރިކަމުގެ ސިހުމެކެވެ... އެހެނަސް ދަލީލުތައް މިފެންނަނީ އެއްވެސް އޮޅުވުމެއްނެތި ހާމައަށެވެ.
އިންސާނުން ދީނުގެ އަގު އެންމެ ބޮޑަށް އެއްލާލަނީ ދުނިޔެވީ ފައިދާއަށްޓަކައެވެ. އަދި މިއީ އަހަރެމެންގެ ޢަދުއްވުންނަށް ވަރަށް ރަނގަޅަށް އެގޭ ޙަޤީޤަތެކެވެ. އެހެންކަމުން، މިފަދަ ލާދީނީ ޕުރޮގްރާމެއް ދިވެހިންތެރޭ ދިރުވޭނީ އެންމެ ބޮޑު ރޯލެއް ދެމެހެއްޓޭނީ އޭގައި މާލީ ފައިދާއެއް ލިބުމެވެ. އެއީ މިހާރު ރާވިއްކުން ހުއްދަ ކުރެވިފައިވާ ފަދައިންނެވެ. މިގޮތުން، މިފައްޅިތައް އެޅުމަށްޓަކައި ގެންނަންޖެހޭ ބުދުތަކާއި ޞަލީބުތައް ދިވެހިން މެދުވެރިކޮށް ގެނައުމާއި، ނުވަތަ ދިވެހިން އެހަދައިން ވިއްކުން ހުއްދަ ކުރުމަށްޓަކައި އަންނަނިވި ނުކުތާ ފޮހެލާފައިވެއެވެ:
"ދިވެހިރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެން ދީނެއްގެ ދީނީ ޝިޢާރެއްކަމަށް ބެލެވޭ އެއްވެސް އެއްޗެއް އުފެއްދުމާއި ވިއްކުމަކީމަނާކަމެކެވެ."
ނިންމާލުން:
ކަންމިހެންހުރުމާއިއެކު ޖަމިއްޔަތުއް ސަލަފާއި އިސްލާމިކް ފައުންޑޭޝަން އާއި މިނޫންވެސް ދީނީ ޖަމާޢަތްތަކާއި ޢިލްމުވެރިން މިކަމާއިމެދު އަޑު އުފުއްލަވާފައިވުމަކީ އެބޭފުޅުން އަދާކުރެއްވެވި މަތިވެރި ވާޖިބެކެވެ. އަދި މިފަދަ އިސްލާމްދީނާ ޢުދުވާނު ޤަވާއިދަކުން ޢަދާލަތުޕާޓީގެ ޢިލްމުވެރިންގެ މަޖްލިސް [ބަރީއަވާ ކަން] ހާމަކޮށް ނޫސް ބަޔާނެއް ދެއްވުމަކީ އޭގައި އެއްވެސް ކަހަލަ ހައިރާނެއް ވާންޖެހޭކަމެއްނޫނެވެ. އެހެނަސް ހައިރާންވަނީ މިފަދަ ޤާނޫނަކަށް [ބަދަލެއް ނުގެންނާނޭ] ކަމަށް އަޑުއުފުލަމުން، މިބަޔާންވެވުނު ނުރައްކާތެރި ކެހިތަކަށް މޫނު އަނބުރާލައި އޭގެ ދިފާޢުގައި ތެދުވާ [ދީނީ] ޝަކަލުތަކާއިމެދުގައެވެ! އަދި މިއަށްވުރެންވެސް ބޮޑަށް އަޅުގަނޑު ހައިރާންވަނީ، ސައްތައިން ސައްތަ އިސްލާމީ ދިވެހި ރައްޔިތުން، ދީނާއި ޚިލާފަށް ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުން މިއަންނަ ނަޝީދާއި އޭނާގެ ސަރުކާރުގެ ޣައިރު ދީނީ ޢަމަލުތަކާއި ދެކޮޅަށް ނުތެދުވެ ނިދާފައި ތިބުމުންނެވެ!
އަޚުންނޭވެ! ފަހެ އަހަރެމެންގެ ކާބަފައިން އެބޭފުޅުންގެ ލޭ ޤުރުބާންކުރައްވައި އެއިން މިބިން ތެއްމާލީ މިދީނަށްޓަކައެވެ. އަލިރަސްގެފާނާއި އެބޭފުޅާއަށް ބައިޢަތުދެއްވި ސާޅީސް ޝަހީދުން ޤުރުބާންވެލެއްވީ މިއިސްލާމްކަމުގެ ދިދަ މިބިންމަތީ ވިހުރުމަށްޓަކައެވެ. އުތީމުގެ އަބްޠާލުން އެބޭފުޅުންގެ ލޭފޮދު މިދީނަށްޓަކައި މިޤައުމުގައި ނުއޮއްސެވިނަމަ މިއަދު އަހަރެމެންނަނަށް ފެނިގެން ދިޔައީ އެހެން ދިވެހިރާއްޖެއެކެވެ. މިއަނެއް ދިވެހިރާއްޖޭގެ ފާލަމަށް އަހަރެމެންގެ ޅަދަރިންގެ ޖީލު ވާޞިލުނުވަނީ މިކަމަށްޓަކައި ތެދުވަމާހެއްޔެވެ؟ މިދީނުގެ ޢިއްޒަތާއި ކަރާމާތް ދިފާޢުކޮށް އެޔަށްޓަކައި ޤުރުބާންވަމާހެއްޔެވެ؟
ﷲ އަޅަމެންނަށް މަގުދައްކަވާށިއެވެ. އަދި އަޅަމެންގެ ފާފަތައް ފުއްސަވާށިއެވެ. އަޅަމަން އެކަތި ކުރައްވާށިއެވެ. އަޅަމެންގެ ތެރޭ ޙައްޤުބަސް ވިދާޅުވާ ތެދުވެރި ޢިލްމުވެރިން ރައްކާތެރިކުރައްވައި އިޚްތިލާފީ ބައިބައިވުމުން އެބޭފުޅުން ސަލާމަތް ކުރައްވާށިއެވެ. އަދި އިސްލާމްދީނަށް މިބިންމަތީ ނަޞްރުދޭނޭ ބަޔެއްކަމުގައި އަޅަމެން ލައްވަވައި، މިދީން އަޅަމެންނާއި އަޅަމެންގެ ދަރިފަސްކޮޅުގެ މަތީން ފޮހެލުމަށް ތެދުވެފައިވާ ޚާއިނުންތައް ބަލިކުރުމަށް، އަޅަމެންނަށް ބާރުދެއްވަވާށިއެވެ. އާމީން.
މަޞްދަރު: ލިޔުންތެރިޔާ.